##siteName##

 ޢިބުރަތްތެރި ވާހަކަ
 

އުނި ސިފަތައް ހާމަ ކުރާނީ ކިހިނެއް؟

ޔުމްނާ އަކީ ވަރަށް ރީތި ގުރައެކެވެ. ކޮންމެ ދުވަހަކުވެސް ޔުމްނާ އޭނާގެ މަންމައާ އެކީ އުދުހި، މަގުމަތިން ދިމާވާ މީހުންނަށް ރީތި ލަވަ ކިޔައިދެއެވެ.

އެއްދުވަހަކު ހެނދުނު ޔުމްނާ އޭނާގެ މަންމަ ގާތުގައި އިނދެފައި ބޭރަށް އުދުހިގަތެވެ. ރީތި ރާގުތަށް ކިޔަމުންނެވެ. މިހެން ދަނިކޮށް ޔުމްނާއަށް ކާޅެއް ފެނުނެވެ. ކާޅު ފެނުމުން ޔުމްނާ ސުވަލު ކުރިއެވެ. "ތިޔައީ ކާކު؟ އަދި ތިބާ އަށް ކުރެވޭ މޮޅުކަމަކީ ކޮބާ؟" ކާޅު ބުންޏެވެ. "އަހަންނަކީ ކާޅެކެވެ. މީހުން ދުނިޔޭގެ ބިމަށް އަޅާ ކުނި އަހަރެން ސާފު ކުރަމެވެ." ޔުމްނާ ބުންޏެވެ. "އަހަރެންނަކީ ތެދުވެރި ދޫންޏެކެވެ. އަދި ހަގީގަތަކީ ތި ލަވާ ހަޅޭކުން މީހުންނަށް އުނދަގޫވާކަމެވެ. ތިބާގެ ކުލައަކީ ހުސް ކަޅު ކުލައެވެ. ބަލާލައިކަށް ވެސް ރީއްޗެއް ނޫނެވެ." މިހެން ބުނެފައި ޔުމްނާ ދިޔައިރު އެއްކަލަ ކާޅު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ޔުމްނާ އުފަލުން ލަވަ ކިޔަމުން އުދުހެމުން ދަނިކޮށް މާދުރުން މީދަލެއް ފެނިއްޖެއެވެ. ކާޅާ ސުވާލުކުރި ފަދައިން މީދަލާވެސް ޔުމްނާ ސުވާލު ކުރި އެވެ. " ތިއީ ކާކު؟ އަދި ތިބާއަށް ކުރެވޭ މޮޅުކަމަކީ ކޮބާ؟" މީދާ ބުންޏެވެ. "އަހަންނަކީ މީދަލެކެވެ. އަހަރެން ވަރަށް ބާރަށް ދުވަމެވެ." ޔުމްނާ ބުންޏެވެ. " އަހަރެންނަކީ ތެދުވެރި ދޫންޏެކެވެ. އަދި ހަގީގަތަކީ ތިބާއާ ހެދި މީހުންނަށް އުނދަގޫ ވާކަމެވެ. ތިބާގެ ފަރާތުން އެތައް ބައްޔެއްވެސް ޖެހެއެވެ. ތި ހުންނަނީކީ މީހުން އެހާ ހިތްހަމަޖެހޭ ކުލައެއްގަވެސް ނޫނެވެ." ޔުމްނާ އުދުހިގަންއިރު އެއްކަލަ މީދާ ހުރީ ފެންކަޅިވެފަ އެވެ.

އެންމެ ފަހުން އެއްކަލަ ކާޅާއި މީދާ، ޔުމްނާގެ މަންމަ ގާތުގައި ޔުމްނާ ގެ ވާހަކަ ދައްކައިފިއެވެ. ޔުމްނާގެ އަޚްލާގު ހުރިގޮތާމެދު ދެރަވެ، ޔުމްނާގެ މަންމަ މާފަށް އެދުނެވެ.

މާގިނަ އިރުތަކެއް ނުވެ، ޔުމްނާވެސް ގެއަށް އައެވެ. ގެއަށް އުމުން ޔުމްނާގެ މަންމަ ބުންޏެވެ. "ޔުމްނާ ހާދަ ބަލިކަށްޓެވެ. އަދި ވާހަކަ ދައްކައިފިއްޔާ އެހެން މީހުން ދެރަ ކޮށްލައެވެ." ޔުމްނާ އޭނާގެ މަންމައަށް ހައިރާންވެފައި ބަލާލިއެވެ. މަންމަ ބުންޏެވެ. "ކިހިނެއްވީ؟ ޙަޤީޤަތް ހާމަ ކުރީމަ ޤަބޫލު ނުކުރެވެނީތަ؟" ޔުމްނާ ބުންޏެވެ. "ނޫން. އެކަމަކު ހާދަ ދެރަ ވެއްޖޭ." ޔުމްނާގެ މަންމަ އޯގާތެރި ކަމާއެކު ވިސްނައި ދިނެވެ. "އެހެން މީހުންނަށް ވެސް ވާނީ ހަމަ ތިހެން. އެމީހަކާ ބެހޭ ގޮތުން ރަނގަޅު ވާހަކައެއް ނުބުނެވެންޏާ އެއްވެސް އެއްޗެއް ނުބުނޭ. ﷲ މިބިންމަތީގައި ލައްވާފައިވާ ކޮންމެ މަޚްލޫޤަކީވެސް އެ އެއްޗެއްގެ ގޮތުގައި ރީތި އެއްޗެއް" ޔުމްނާ ސުވާލު ކުރިއެވެ. "އެހެންވިއްޔާ މީހުންގައިގާ ވާ އުނި ސިފަތައް ހާމަ ކުރާނީ ކިހިނެއް؟" މަންމަ ޖަވާބު ދިނެވެ. "ތިއީ ރަނގަޅު ސުވާލެއް. އުނި ސިފައެއް ހުރިއްޔާ ބުނާނީ އެ މީހަކު ދެރަ ނުވާ ގޮތަކަށް" ޔުމްނާ ބަސް ގަބޫލު ކުރުމުގެ ގޮތުން ބޯޖަހާލުމަށް ފަހު ބުންޏެވެ. "ލައްބަ މަންމާ."

  

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް