##siteName##

 ޢިބުރަތްތެރި ވާހަކަ
 

މަންމަގެ ބަސްނޭހި ބުޅާ

އެއް ސަހަރެއްގައި ވަރަށް ޢިއްޒަތްތެރި ރަސްކަލަކު އުޅުއްވިއެވެ. މިރަދުންނަކީ ވަރަށް ހިތްޕުޅުހެޔޮ، އެހާމެ ހިތްޕުޅުތިރި މިޒާޖެއްގެ ބޭފުޅެކެވެ. އެރަދުންގެ ކިބައިގައި ބޮޑާކަމެއް ވެސް ނުހުރޭމެއެވެ. ނަމަވެސް އަރިސް ބޭފުޅުންނާއި ޚާއްޞަ ޚާއްޞަ ވަޒީރުންގެ ވާހަކަތައް ވަރަށް އަވަހަށް ޤަބޫލުފުޅުކުރައްވައި އުޅުއްވަތެވެ. އަދި މާބޮޑު ވިސްނުންފުޅެއް ނެތި، އެބޭފުޅުންގެ ރައުޔާ އެއްގޮތަށް ކަންތައް ނިންމަވަތެވެ.

މިއީ މިރަދުންގެ ރަސްކަމުގެ ދުވަސްވަރުގައި ހިނގި ކަމެއްގެ ވާހަކައެކެވެ. ގަނޑުވަރުގައި ކުއްލިއަކަށް މީދާ ގިނަވީއެވެ. މީދާ ގިނަވީވަރުން ޚުދު ރަސްގެފާނަށްވެސް މީދަލުގެ ސަބަބުން އުނދަގޫފުޅުވާން ފަށައިފިއެވެ. އެއްދުވަހަކު ރަސްގެފާނު އެރަދުންގެ ދަރުބާރަށް ވަޒީރުންނާއި އަމީރުން ޖަމާކުރައްވާފައި، މިހިތާމަވެރި ވާހަކަ އިއްވެވިއެވެ. އަދި ބޮޑުވަޒީރުގެ އަރިހުގައި ވިދާޅުވިއެވެ. ގަނޑުވަރުގައި މީދާ ވަރަށް ގިނަވެއްޖެއެވެ. ވީމާ މިތާނގައި އުޅޭ އުނދަގޫކުރާ މީދާތައް ހިފައި އުޅޭނެ ހުޝިޔާރު ޝިކާރަވެރި ބުޅަލެއް އަވަހަށް ހޯއްދަވާށެވެ. ވަޒީރު އާދޭހޭ ދަންނަވާފައި ވަޑައިގެންފިއެވެ.

އަނެއް ދުވަހު ވަޒީރު ރަދުންގެ އަރިހަށް ގަނޑުވަރަށް ވަޑައިގަތީ ބުޅަލަކާއިގެންނެވެ. މިބުޅަލަކީ ވަޒީރު ވަރަށް ބޮޑު އަގެއް ދެއްވާފައި ބައްލަވައިގެން ގެންނެވި ބުޅަލެކެވެ. އަދި މިސޮރު ވަނީ ވަރަށް ރަގަޅަށް އޮޅުކޮށް ތަރުބިއްޔަތު ކުރެވިފައެވެ. ބުޅަލަށް އިންސާނުންނާ އެއްފަދައިން ވާހަކަ ނުދެއްކުނެއްކަމަކު މީހުން އެސޮރާއި ދައްކާ ވާހަކަ ރަގަޅަށް ދަނެވެ. އެކަން އެނގޭގޮތަކީ މީހަކު އެބުޅާގާތު މިވެނި ކަމެއް ކުރާށޭ ބުނެފިނަމަ އެކަމެއް ހަމަ އެބުނި ގޮތަކަށް ކުރެއެވެ.

ކޮންމެއަކަސް ވަޒީރު މިބުޅަލާއިގެން ރަދުންގެ ގަނޑުވަރަށް ވެދެވަޑައިގެން ބުޅަލަށް އެސޮރު ކުރާންވީ މަސައްކަތް ވިދާޅުވެ ދެއްވައިފިއެވެ. އާދެ! ބުޅާ ކުރާންވީ ކަމަކީ ގަނޑުވަރުތެރޭގައި އޮވެގެން ރަދުންނަށް އުނދަގޫކުރާ މީދާތައް މެރުމެވެ. އަދި އެއްވެސް މީދަލެއް ރަދުންގެ ކުރިފުޅުމައްޗަށް އެރިޔަ ނުދިނުމެވެ. އެދުވަހުން ފެށިގެން ބުޅާ ފަރުވާތެރިކަމާއެކު އެސޮރުގެ ވަޒީފާ އަދާކުރަމުން ގެންދިޔައެވެ. މިގޮތުގައި މިބުޅާ ރަދުންގެ ގަނޑުވަރުގައި އަރާމުގައި އުމުރުގެ ދުވަސްތައް ހޭދަކުރަމުން ދާން ފަށައިފިއެވެ. އަދި އެސޮރަކީ ވެސް މިހާރު ޤައުމުގެ ރަދުންގެ ޢާއިލީ މެމްބަރަކަށް ވެއްޖެއެވެ. މަގުމަތީގައި އޮތް މިބުޅާ ރަދުންގެ ޚާއްޞަ ބުޅާފުޅަކަށް ބަދަލު ވެއްޖެއެވެ. ރަދުންގެ ފަރިއްކޮޅުން ބާކީވާބައި ކައިލައިގެން ގަނޑުވަރުގައި އެސޮރަށް ނުވަދެވޭ ތަނެއް، ނުކުރެވޭ ކަމެއް ނޯވެއެވެ. އެސޮރާއި ސުވާލެއް ކުރެވޭ މީހަކުވެސް  ނުހުރެއެވެ. އަދި ރަސްގެފާނުގެ އަރިހަށް ނުވަދެވޭ އިރެއްވެސް އެސޮރަކަށް ނޯވެއެވެ. އެންމެ ކުޑަމިނުން އެރަދުންގެ އަވަހާރަލައްޕަވާ ކޮޓަރިކޮޅަށް ވެސް އެސޮރު ވަންނަން ގަޑިއެއް ސާޢަތެއް ނޯވެއެވެ.

މިގޮތުގެ މަތީން ދުވަސްތައް ކަޑައްތު ކުރަމުން ގޮސް މިހާރު އެބުޅަލަކީ އެބުޅާ ކަހަލަ ކުޑަ ބުޅަލެއްގެ މަންމަ އެކެވެ. އަދި އެސޮރާއިއެކު އެސޮރުގެ ކުޑަ ދަރިފުޅުވެސް ގަނޑުވަރުގައި ގެންގުޅެމުން އެބަދެއެވެ. ތުއްތު ބުޅަލަކީވެސް ބުޅާފުޅެކެވެ. އެހެންކަމުން އެސޮރަށް ގަނޑުވަރުތެރޭގެ ގަވާޢީދުތައް ދަސްކޮށްދީ  ބޭފުންނާއެކު އުޅުމުގެ އަދަބުސަދަބު ދަސްކޮށްދީ ރީތި  ހުނަރުވެރި، ރަސްމަތިފުށުގެ ބޭފުޅަކަށް ތަރުބިއްޔަތު ދޭ ބީދައިން މިތުއްތު  ސޮރަށްވެސް ތަރުބިއްޔަތު ދެވެމުން އެބަދެއެވެ.

  ދުވަސްތައް ފާއިތުވަމުން ދެއެވެ. ކުޑަ ބުޅާ މިހާރު ފިރިފުރައަށް އަރައިފިއެވެ. މަންމަ ބުޅަލުގެ ގައިގެ ބާރު ދޫވެ، މުސްކުޅިވާން ފަށައިފިއެވެ. އެއްދުވަހަކު މަންމަބުޅާ އެސޮރުގެ ދަރިފުޅު ކައިރިއަށް ގެނެސްފައި ވަރަށް ބޮޑަށް ނަޞީޙަތްދީ ވަޞިއްޔަތް ކޮށް ހެދިއެވެ. ދަރިފުޅާއެވެ. ދުނިޔެ ހިނގަމުން ދައުރުވަމުން މިހިރަ ދަނީއެވެ. ދުނިޔޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ނައިސް ނުދާނެ ދުވަސް މަންމައާއި ވެސް ބައްދަލު ކުރާ ދުވަސް ގާތްވަނީއެވެ. މަންމަ މިހާރު ވަރަށް މުސްކުޅި ވެސް ވެއްޖެއެވެ. އަދި މަސައްކަތް ކޮށް އުޅެވޭހާ ބާރެއް ގަޔަކު ނެތެވެ. މަންމަ ނެތް ދުވަހަކުން މިވަޒީފާ ލިބޭނީ ދަރިފުޅަށް ކަން ވެސް ނޭގެއެވެ. އެހެންކަމުން އަބަދުވެސް ވަޒީރު މަނިކުފާނަށް ފެންނަފަށުގައި އުޅޭށެވެ. އެމަނިކުފާނަށް ކުރުނީސްކޮށް އުޅޭށެވެ. އަދި ދަރިފުޅާއި މިވަޒީފާ ޙަވާލުވުމުން ނަމަނަމަ މަންމަގެ މިވަޞިއްޔަތް ހަދާނުން ކެހިގެން ދިޔަ ނުދޭށެވެ. އެއްވެސް މީދަލަކަށް ރަދުންގެ ކުރިފުޅު މައްޗަށް އަޔަދީގެން ނުވާނެއެވެ. ވަޒީރު މަނިއްޕުޅު އަހަންނަށް އެންގެވީ ވެސް ހަމައެގޮތަށެވެ. ކޮންމެ ކަމެއްވެސް ކުރަންވާ ގޮތެއް އޮންނާނެއެވެ. ދަރިފުޅާއެވެ. އެއްގޮތަކަށް ވެސް ރަދުންގެ ހިތްޕުޅުގައި ޖެހޭކަހަލަ ކަމެއް ނުކުރާށެވެ. މިފަދައިން ނަޞީހަތް ދިންތާ ގިނަ ދުވަހެއްނުވެ މަންމަބުޅާ މަރުވެއްޖެއެވެ.

މަންމަ ބުޅާ މަރުވުމުން އެބުޅަލުގެ ވަޒީފާ ދަރި ބުޅަލާއި ޙަވާލު ކުރެވިއްޖެއެވެ. މިހާރު މިއީ ޢުމުރުން ސާދަފަނަރައިގެ ޒުވާން ގަނޑުވަރުތެރޭ ބޭފުޅެކެވެ. ރަދުންގެ ޚާއްޞަ، އަރިސް ބޭފުޅެކެވެ.

މަންމަ ކިބައިން ވާރިޘްވި ޢިއްޒަތްތެރި ވަޒީފާގައި ފަޚްރުވެރި ކަމާއެކު އުޅެން ފަށައި ފިއެވެ. ކުޑަދުވަސްކޮޅެއް ފަހުން މަންމަގެ ނަޞީހަތް ހަނދާން ނައްތާލައިފިއެވެ. ރަދުންނަށް އުނދަގޫފުޅުވާ ހިސާބުގައި އުޅޭ މީދާތައް މެރުމުގައި މިބުޅާ އުޅެމުން ގެންދިޔައެވެ. މިބުޅަލަކީ އަދި ވަރަށް ޅަޒުވާން ބުޅަލެއްކަމުން ރަދުންގެ އަރިހުގައި އެމަނިކުފާނަށް އުނދަގޫކުރާ މީދާތައް މެރުމަށްފަހު އޮންނަ ހުސްވަޤުތު މާގިނަވީމާ ހުހަށް ގިނަވަޤުތު ހޭދަކުރަން ޖެހުމުން ފޫހިކަން އިހްސާސްވާތީ އެއްދުވަހަކު އެސޮރުގެ ހިތަށް އެރިއެވެ. މިގޮތަށް ކަމަކާނުލާ އޮތުމަކީ ކަންނެތް ކަން ވާރުތަކުރާ ކަމެކެވެ. އެހެން ކަމުން ރަށުގައި އުޅޭ ކޮންމެ މީދަލެއް ހަމަ ފެނުމުން މަރަން ވީއެވެ. މަންމަ ބުންޏެއް ކަމަކު މަރަންވާނީ ހަމައެކަނި ރަދުންނަށް އުނދަގޫކުރާ މީދަލެއް ނޫނެވެ. މަންމަ ބުންޏަކަސް އެއީ ގޯހެކެވެ. އަދި ގިނަ މީދާތައް މެރުމުން ރަދުންނާއި ވަޒީރު މަނިއްޕުޅު ބޮޑަށް އުފާފުޅު ވާނީއެވެ. މިހެން ހިތައި މިބުޅާ ހެދިގޮތަކީ މީދަލެއް މީދަލެއް ނުބަލައި ދިމާވާ ކޮންމެ މީދަލެއް މަރަން ފެށީއެވެ. އަދި ކޮންމެ ދުވަހަކު މީދާތައް މަރަމުން ވަޒީރަށް ފެނިވަޑައިގަންނަވާ ގޮތަށް، ފުނިފުންޏަށް ޖަހަމުން އެބަގެންދެއެވެ. މިގޮތަށް މީދާ މަރަން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ރަށުތެރޭން މީދާތައް މުޅިން ހުސްވެ މީދާލެއްގެ އަސަރުވެސް ނެތި ހިނގައްޖެއެވެ.

މިހާރު ބުޅާ ކުރާނެ މަސައްކަތެއް ނެތުމާއެކު ވަރަށް ގިނަވަގުތު މަސައްކަތެއްނެތި ހުންނަން ޖެހިއްޖެއެވެ. އަދި ގަނޑުވަރަށް ވެސް ބުޅަލެއްގެ ބޭނުން ނެތި ހިނގައްޖެއެވެ. ބުޅާ ކައިގެން ބޮއިގެން ގަނޑުވަރުގައި "ބާއޯ- ބާއޯ" ގޮވައި، އަޑުގަދަކޮށް ހަދަހަދާ އެބަ އޮވެއެވެ. އެހެންކަމުން ގަނޑުވަރުގެ ބޭފުޅުންނަށްވެސް މިހާރު ބުޅަލުގެ ސަބަބުން އުނދަގޫ ވާން ފަށައިފިއެވެ.

އެއްދުވަހަކު ރަސްގެފާނުގެ އަރިހުގައި ވަޒީރު ދެންނެވިއެވެ. މާތް މަނިކުފާނެވެ. އަޅުގަނޑުމެންނަށް ބުޅަލުގެ ބޭނުމެއް މިހާރު ނެތެއް ނޫންތޯއެވެ. ގަނޑުވަރުގައި މީދަލެއްވެސް ނޫޅެންޏާއެވެ. ރަސްގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ ދެން ބުޅާ ފޮނުވާލައްވާށެވެ. ވަޒީރު ދަންނަވައިފިއެވެ. ގޭތެރޭގައި ގެންގުޅޭ ބުޅަލެއް އެހެން އަދި ފޮނުވާލިޔަކަސް ނުވެއް ދާނެއެވެ. އިރުގަނޑެއް ކޮށްލާފައި އެނބުރި އަނެއްކާވެސް އަންނާނެއެވެ. އެސޮރު ގެއަށް އަންނަ މަގުތައް ރަނގަޅަށް ދަންނާނެއެވެ. އެހެންކަމުން ޖެހޭނީ ގޯންޏަކަށް ބުޅާލައި ތުން ބަނދެގެން ގެންގޮސް ރަށްބޭރު، ދުރު ތަނަކަށް އެއްލައިލާށެވެ. އެއަށް ފަހު ރަސްގެފާނުގެ އަމުރުފުޅަށް ވަޒީރުގެ ވިދާޅުވުމަކަށް މިބުޅާ ގަނޑުވަރުން ބޭރުކުރެވުނެވެ. ބުޅަލުގެ މަސައްކަތް ވެސް މިހިސާބުން ނިމުނީއެވެ. ބުޅަލުގެ ހިތަށް އެރިއެވެ. އަހަރެން އިޚްލާސްތެރި ކަމާއެކު މަސައްކަތް ކުރަމުން އައުމުގެ ފޮނި މޭވާއަކީ މިއީތާއެވެ. މަންމަގެ ބަސް ޤަބޫލު ކުރިނަމަ މިއަދު މިހާލު ނުޖެހުނީސް ކަން ކަށަވަރެވެ.

ވާހަކައިން ލިބޭ ޢިބްރަތް:

(1) ތިމާއާއި ކަމެއް ޙަވާލު ވެވިއްޖެނަމަ މޮޅުގޮތަކީ، އެކަމެއް ޙަވާލު ކުރެވުނު ގޮތަކަށް އެކަން ކުރުމެވެ.

(2) ތިމާއަށް ނުވިސްނުނު ކަމުގައި ވިއަސް ބުއްދިވެރި ބަސްތައް ވާނީ ހަމަ ބުއްދިވެރި ބަހަށެވެ.

 



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް