##siteName##

 ޢިބުރަތްތެރި ވާހަކަ
 

ބޮޑުގަހުގެ ކުޑަ ވައް

ކުރީޒަމާނުގައި އެއްސަހަރެއްގައި އުޅުނު މީހެކެވެ. އެރަށުގެ މީހުން ދެކޭ ގޮތުގައި މީނާއަކީ މޮޅުމީހެކެވެ. އެހެންކަމުން މީނާއަށް އޮންނަނީ މީނާފެނިފައެވެ. މީނާގެ މޮޅުކަމަށް މީނާ ދަޢުވާ ކުރޭވެސްމެއެވެ. އެންމެ ފަހުން މީނާގެ ހިތަށް އެރިއެވެ. ކަލާނގެ ކުޅަދުންވަންތަ ކަމުން މިދުނިޔެ އުފައްދަވާފައިވާ ވީނަމަވެސް މިއުފެއްދެވުމުގައިވެސް ކޮންމެ ވެސް އުނިކަމެއް އޮވެދާނެވެ. އެކަން ވާނީ ހޯދާ ބަލާށެވެ.

އެއްދުވަހަކު ރަށުގެ ރަށްބޭރުގައި ދަނޑުގޮވާންކުރާ ހިސާބުގައި ދަނޑުތަކުގެ ތެރޭގައި ހިނގަމުންދިޔައެވެ. ދަނޑުތައް ހުރިހިސާބުން ހިނގަމުން ގަސްތައް ބަލަމުން ގަސްގަހާއި ގަސްގަހުގައި އަޅާފައިހުރި މޭވާތަކާއިމެދު ވިސްނަމުން ދެއެވެ. މިމީހާ މިހެން ހިނގަމުން ދަނިކޮށް އެކިވައްތަރުގެ ވެޔޮތައް ހައްދާފައިހުރި ހިސާބަކަށް ދެވިއްޖެއެވެ. މިތަނުން އޭނާ ވަރަށް ހައިރާންވީ ކަމަކާ ދިމާވެއްޖެއެވެ. ބިންމަތީގައި ދުވެފައި އޮތް ކުޑަވެލެކެވެ. މިއީ ބަރަބޯ ވެލެކެވެ. އޭނާގެ ހިތަށްއެރިއެވެ. މިވެލުގައި އަޅާ ވައް މިވެލާ އަޅާބަލާއިރު ވަރަށް ބޮޑެވެ. މީނާވަރަށް ހައިރާންވެފައި އަމިއްލަ އަމިއްލައަކަށް ބުންޏެވެ. "މިވައްތައް ވެލަކާ ނުގުޅެއެވެ. މިހާކުޑަ ގަހެއްގައި އަޅާފައި މިއޮތީ ހާދަހާ ބޮޑު އެއްޗެކެވެ. މިއީ ހަމަގައިމު އުފެއްދުމުގައި އޮތް އުނިކަމެކެވެ." ދެން ވަރަށް ގިނައިރުވަންދެން މިއާއިދޭތެރޭ ވިސްނަން މިތާގައި މަޑުކޮށްގެން ހުރެފައި އަނެއްކާވެސް ކުރިއަށް ހިނގައިގެންފިއެވެ.

ދެންވެސް މިމީހާ ދަނޑުތައް ބަލަމުން ފިކުރު ކުރަމުން ކުރިއަށް ދެއެވެ. މިގޮތަށް ދަމުންދަމުންގޮސް އުސްކޮށް ހެދިފައިހުރި ގަސްތަކެއްހުރި ހިސާބަކަށް ދެވިއްޖެއެވެ. އޭރު މި މީހާ ހުރީ ހިނގާހިނގާ ވަރުބަލިވެގެން އަރާމުކޮށްލަން ޖައްސާލަން ބޭނުންވެފައެވެ. މި މީހާ އަވަސް އަވަހަށް އެތަނުގައި ހުރި ކިނބިގަހެއްގެ ދަށުގައި އިށީނދެއްޖެއެވެ. އަދި ހަމަޖެހިލައިގެން ގަހުގެ ފަލަ މުލެއްގައި ބޯއަޅައިގެން އޮށޯވެއްޖެއެވެ. އޮށޯތުމާއިއެކީ އޭނާގެ ލޮލުގައި އަޅައިގަތީ އެގަހުގައި އަޅާފައިހުރި ވައްތަކެވެ. ގަހަކީ ވަރަށްބޮޑު އަދިވަރަށް އުސްކޮށް ހެދިފައިހުރި ބިޔަ ގަހެކެވެ.

އެކަމަކު މިގަހުގައި އަޅާފައި މިހިރީ ވަރަށް ކުދިކުދި ވައްކެވެ. މިމީހާއަށް ހަނދާންވީ އެއްކަލަ ބަރަބޯ ވެލުގައި ހުރި ބޮޑު ބަރަބޮލެވެ. އެހިނދު ހިތާހިތާ ބުންޏެވެ. "މިއީ ހާދަހާ އެހެންކަހަލަ ކަމެކެވެ. މިގަހުގެ އުފެއްދެވުމުގައި ވެސް އުނިކަމެއް އެބަ ހުއްޓެވެ. ކުރީގައި އަހަރެން ދުށް ބަރަބޯ ވެލުގައި ހުރި ބަރަބޯތައް ވެލަށްވުރެ މާބޮޑެވެ. އަދި މިގަހަށް ބަލާއިރު މިބިޔަ ގަހުގައި އަޅާ ވައް ނުހަނު ކުއްޖެވެ. މިއީ ހާދަހާ ގުޅުންކުޑަ ދެކަމެކެވެ. މިއީ އަހަރެން ކުޅަ ކަމަކަށް ވީނަމަ ހަމަގައިމުވެސް އަހަރެން މިބިޔަ ގަހުގައި މިހިރަ ކުދި ވައްތައް އެޅުވީހީ އެކުޑަ ވެލުގައެވެ. އަދި އެވެލުގައި ހުރި ބޮޑެތި ބަރަބޯ އަޅުވާނީ މިގަހުގައެވެ." މީނާ މިކަހަލަ މޮޔަ ޚިޔާލުތަކެއް ކުރުމުގައި އޮތްވާ ނިދިއްޖެއެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން ވަރަށް އަވަހަށް ގަދަޔަށް ނިދިއްޖެއެވެ. މިގޮތަށް ނިދާފައި އޮތްވައި މީނާއަށް ސިއްސައިގެންގޮސް ހެލެވުނީ ބޮލުގައި އެއްޗަކުން ޖެހުމުންނެވެ. ބޮލުން ލެއިވެސް އައެވެ. އަދި ވަރަށް ތަދު ވެސްވިއެވެ. ތަދުވީލެއް ބޮޑުކަމުން އަވަހަށް ތެދުވެ، ގަސްދަށުގައި އިށީނދެއްޖެއެވެ. އަދި ބޮލުގައި ޖެހުނު އެއްޗަކީ ކޮބައިތޯ ހޯދާ ބެލިއެވެ.

އޭނާގެ ބޮލުގައި ޖެހުނުކަމުގައިވީ މިބޮޑު ގަހުގައި އަޅާފައިހުރި ކުޑަކުޑަ ވައްތަކުގެ ތެރެއިން ވަކެއް ވެއްޓިފައެވެ. އެހިނދު ކުއްލިއަކަށް މީނާގެ ހިތަށްއެރިއެވެ. ސުބްޙާނަﷲ އެވެ. މާތްﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ. އަހަރެން މިއޮތް ހުރިހާއިރު މިކުރީ ކޮންކަހަލަ ތާކުންތާކު ނުޖެހޭ ޚިޔާލުތަކެއް ހެއްޔެވެ؟ ކޮންމެ ކަމެއްވެސް އެންމެ ރަގަޅަށް އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ އެއެއްޗެއް ހައްދަވައި ގެންގުޅުއްވާ އިލާހު ކަމާމެދު ޝައްކެއް ނެތެވެ. އަހަރެން ކުރި ޚިޔާލުތަކާއި އެއްގޮތަށް ކަންތައް ވެފައިވީނަމަ މިގަހުން މިހާރު ވެއްޓުނީހީ ބޮޑު ބަރަބޮލެކެވެ. އަދި އެއިން އަހަރެންގެ ބޮލުގައިޖެހި މިހާރު ދިރިދުނިޔޭގައި އަހަރެން ނުހުރީސްކަން ކަށަވަރެވެ. މާތްﷲގެ ޙިކްމަތްވަންތަ ކަމާއި ކުޅަދުންވަންތަކަން އެހެން ހުރިހާ ކަމަކަށް ވުރެން ބޮޑެވެ.

 

ވާހަކައިން ލިބޭ ޢިބްރަތް:

(1)އިންސާނާގެ ސިކުނޑިއަކީ ވިސްނުމުގައި ވަރަށް ހަނި ދާއިރާއެއްގެ މިންވަރު ކަނޑައެޅިފައިވާ އެއްޗެކެވެ.

(2) ﷲގެ ކުޅަދުންވަންތަ ކަމާމެދު ޝައްކު ކުރުމަކީ ވިސްނުމުގެ ކުޑަކަން ދައްކައިދޭ ހެއްކެކެވެ.

(3)ތިމާއަށް ތިމާ ފެނިއްޖެ މީހާއަށް އޮތީ ދުނިޔޭގައި މަލާމާތާއި ކުރިމަތި ލުމެވެ. އަދި އާޚިރަތުގައި ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓުމެވެ.

 



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް