##siteName##

 ޢިބުރަތްތެރި ވާހަކަ
 

މިނިކާވަގުގެ ޙައްޖު

ޖަންގަލީގެ ވަކިހިސާބުގަނޑެއްގައި ވެރިކަން ކުރަމުންދިޔަ މިނިކާވަގެއް އުޅުނެވެ. ދޭތެރެއަކުން މިނިކާވަގުގެ ހިލަމެއްނުވެ ދުވަސްތަކެއް ދިއުމަށްފަހު އިވުނުއަޑަކީ މިނިކާވަގު ޙައްޖަށް ގޮސްފައި އައިޚަބަރެވެ. ހިސާބުގަނޑުގެ ޖަނަވާރުތައް މިނިކާވަގު ދެކޭންދާ ޚަބަރެވެ.

މިހިސާބުގަނޑުގައި އުޅުނު ފުއްލާ ބައިގަނޑެކެވެ. މިބައިގަނޑުގައި ހިމެނެނީ ހަ ފުއްލާއެވެ. މިސޮރުމެންގެ ކަންފަތްތަކަށް ވެސް މިވާހަކައެއް އިވިފައިވެއެވެ. މިކަމާއި ބެހޭގޮތުން މީގެ ހަ އެކުވެރިން ވާހަކަ ދައްކަމުން ދިޔައެވެ. އެކަތި ބުންޏެވެ. " މިނިކާވަގު ޙައްޖަށް ގޮސްފައި އަތުވެއްޖެއެވެ. އެހެންވީމާ މިހާރު މިނިކާވަގު ވަރަށް ރަގަޅު ވާނެއެވެ. ވަގު މިހާރު އޮންނާނީ ތައުބާވެސް ވެގެންނެވެ. ވީމާ، ވަގު މިހާރު އެހެނިހެން ޖަނަވާރުތައް ހިފައި އަނިޔާކޮށް އަދި ކައެއްވެސް ނުހަދާނެއެވެ. ކުރިން އެސޮރުގެ ގައިގައި ހުރި ހުރިހާ ގޯސްކަމެއް މިހާރުވާނީ ފިލައިގޮސްފައެވެ. މިހާރު އެއްވެސް ބިރެއްނެތި އަހަރެމެންނަށްވެސް މިނިކާވަގާއިއެކު އުޅެވިދާނެއެވެ. ވީމާ، އަހަރެމެންވެސް މިނިކާވަގާއި ބައްދަލުކޮށް މަރްޙަބާކިޔައި، ރަޙްމަތްތެރިކަމުގެ ސަލާންގަލާންކޮށް ހަދަން ޖެހޭނެއެވެ. އަދި އެސޮރުގެ އުޅުމަށް މިގެނައި ހެޔޮބަދަލުގެ މައްޗަށް ޝުކުރުވެރިވާންވެސް ޖެހޭނެއެވެ."

މިހެންކިޔައި ވާހަކަ ދައްކައިފައި މިފުއްލާތައް މިނިކާވަގާއި ބައްދަލުކުރުމަށް ހިނގައްޖެއެވެ. މިސޮރުމެން ގޮސް މިނިކާވަގުގެ ކުރިމައްޗަށް ވާގޮތަށް ތަންކޮޅެއް ދުރަށް މަޑުކޮށްލައިފިއެވެ. އަދި މިތަނުގައި ފޫހަރައިލައިގެން މަޑުމަޑުން އިށީންދެއްޖެއެވެ. ވަގުގެ ޙާލުއަޙުވާލު އަހައި ހެޔޮދުޢާކޮށް ހަދައިފިއެވެ. ވަގަށް ފުރިހަމަ ޞިއްޙަތަކަށާއި ދިގު ޢުމުރަކަށް އެދި ދުޢާކުރިއެވެ. އެންމެ ފަހުން މިތަނުން އެއްފުއްލާ ތެދުވެގެންގޮސް ވަގުގެ ކައިރިއަށް ހުއްޓި ސަލާމްކޮށް ހަދައިފިއެވެ. ވަގުވެސް ތެދުވެ ފުއްލާއަށް ވަރަށް ލޯބިކޮށް ގައިގައި ވަސްގަނެ ބުރިކަށީގައި ފިރުމާ ހަދައިފިއެވެ. މިމަންޒަރުދެކޭން ދެންތިބި ފުއްލާތައް ވަރަށް އުފަލުގައި ތިއްބެވެ.

ކުއްލިއަކަށް ވަގުގެ ދިގު ވަކިތައް ނެރެގެންފިއެވެ. ދެލޯ ވަށްކޮށްލާފައި ގަދައަޑުން ގޮވައިލުމާއެކު ފުންމައިގެންފިއެވެ. އެހެން ފުއްލާތައް އަވަހަށް ފިލަން ދުއްވައިގެންފިއެވެ.

ދެން އެއްފުއްލާ އަނެއް ފުއްލާއަށް ބުންޏެވެ. "މިނިކާވަގު ޙައްޖަށް ދިޔައެއްކަމަކު އޭތި ބަދަލެއްނުވެއެވެ. އެސޮރުގެ ނުބައިކަމާއި ނުލަފާކަން މިހާރު ވަނީ އިހަށްވުރެ އިތުރުވެފައެވެ..."

 

ވާހަކައިން ލިބޭ ޢިބްރަތް :

(1) ޙަޔަވާނެއްގެ ޠަބީޢަތް ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ.

(2) ތިމާގެ ޚަޞްލަތާއި ޚިލާފު ކިތަންމެ ގިނަ ތަރުބިއްޔަތެއް ލިބުނު ކަމުގައި ވިއަސް އޭގެ އަސަރެއް ނުކުރާނެއެވެ.

(3) އަޚްލާގު ލިބިދޭން ޖެހޭނީ އެއިން ފައިދާކުރާނެ މީހަކަށެވެ.

(4) ބުއްދިވެރި ބަހެއްގައި އާދެއެވެ. "ހިމާރަކު ކަޢުބަތުﷲ ގެފުޅުގައި ޠަވާފުގެ ހަތްބުރު ޖެހިކަމުގައި ވިޔަސް ޚިމާރު އޮންނާނީ ހަމަ ހިމާރުގެ ގޮތުގައެވެ.''

 

 



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް