##siteName##

 ބޭބެގެ ޤަލަމުން
 

ކޮއްކޯއެވެ. ދިރޭ ތަކެއްޗަށް އަނިޔާ ނުކުރާށެވެ.

ކޮއްކޯއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަހަރެމެން އިންސާނުންނަށްޓަކައި ބިންމަތީގައި ތަފާތު ދިރޭތަކެތި ލައްވާފައެވެ. އެއީ އަހަރެމެން އިންސާނުންނަށްޓަކައި ލައްވާފައިވާ ތަކެއްޗެވެ.

ކޮއްކޯއެވެ. އަހަރެމެން ވަރަށްގިނައިން ދިރޭތަކެއްޗާއި ގުޅުން ހުރި ކަންތައް ކުރަމެވެ. އަހަރެމެން ކާ މަހަކީ ދިރޭ އެއްޗެކެވެ. އަހަރެމެން ކާ ކުކުޅަކީ ދިރޭއެއްޗެކެވެ. އަހަރެމެންގެ ގޭގައި ގެންގުޅޭ ބުޅަލާއި ދޫނި ފަދަ ތަކެއްޗަކީވެސް ދިރޭ ތަކެއްޗެވެ. މިހުރިހާ އެއްޗަކީ އަހަރެމެން އިންސާނުން ފަދައިން ﷲ ހައްދަވާފައިވާ މަޚްލޫޤުންނެވެ.

ބައެއް ފަހަރު ބައެއް މީހުން ދިރޭ އެއްޗެއްސަށް އެއްވެސް ޙައްޤަކާ ނުލައި އަނިޔާ ކުރެއެވެ. އެއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ. އެއްވެސް މަޚްލޫޤަކަށް އަނިޔާކުރުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ.

ކޮއްކޯއެވެ. ބުޅަލެއް ބަނދެފައި އެއަށް ކާންނުދީ ބޭއްވި އަންހެނަކަށް ޢަޛާބު ދެވުނު ވާހަކަ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ކިޔައި ދެއްވިއެވެ. އެއަންހެންމީހާ އެބުޅާ ބަންދުކޮށްފައި އެއަށް ކާން ނުދެއެވެ. އަދި އޭތި އަމިއްލައަށް ކާތަކެތި ހޯދަން ދިޔުމަށް ދުލެއްވެސް ނުކުރިއެވެ.

ކޮއްކޯއެވެ. އަހަރެމެންގެ ތެރެއިން މީހަކު އެއްވެސް ޙައްޤަކާ ނުލައި ދޫންޏެއް މަރާލައިފިނަމަ، ޤިޔާމަތްދުވަހުން އެދޫނި ﷲގެ ޙަޟްރަތުގައި ޝަކުވާ ދަންނަވާނެއެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. މިވެނި މީހާ ތިމަންނަ މަރާލީ ބޭކާރު ގޮތުގައެވެ. އޭނާ ތިމަންނަ ޤަތުލު ކުރީ ބޭނުމެއް ހޯދާކަށް ނޫނެވެ.

އިންސާނުންނަށް އަނިޔާ ކުރާ އެއްޗެއް މަރާލުން އިސްލާމްދީނުގައި މަނާ ނުކުރެއެވެ. ނަމަވެސް އެގޮތަށް މަރާއިރުވެސް އެއަށް ކުދި އަނިޔާކޮށް މަރާލުން އިސްލާމްދީނުގައި ހުއްދައެއް ނޫނެވެ. ބިޗުލެއް ނުވަތަ ނަގުލަންދާއްޓެއް ނުވަތަ މަދިރިއެއް ނުވަތަ މީދަލެއް ފަދަ އެއްޗެއް މަރާލާ ނަމަ އެއް އެތިފަހަރުން މަރާލަން ޖެހޭނެއެވެ. ކުދި އަނިޔާކޮށް އެއަށް އިހާނެތިކޮށް ހިތައިގެން ނުވާނެއެވެ.

ކޮއްކޯއެވެ. މީގެ ފަހުން އެއްވެސް ދިރޭ އެއްޗަކަށް އަނިޔާ ނުކުރުމަށް އަޒުމު ކަނޑައަޅާށެވެ. ގޭގައި އޮޅުކޮށްގެން ގެންގުޅޭ ދޫނި ކަމުގައި ވިޔަސް، ބުޅާކަމުގައި ވިޔަސް އަނިޔާ ނުކުރާށެވެ. އަދި އެހެން ދިރޭއެއްޗެއް ވިޔަސް އަނިޔާ ނުކުރާށެވެ.

ކޮއްކޯއެވެ. އަނިޔާވެރިކަމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ.



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް