ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުން
ޔޫސުފުގެފާނުގެ އަރިހަށް އެކަލޭގެފާނުގެ ބޭބެމެން އައުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
ޔޫސުފުގެފާނު: ތިޔައީ ކޮންތަނެއްގެ ބައެއްތަ؟
ޔޫސުފުގެފާނުގެ ބޭބެމެން: އަހަރެމެންނަކީ ކަންޢާނުގެ ބައެއް.
ޔޫސުފުގެފާނު: ތިޔަބައިމީހުންގެ ބައްޕައަކީ ކާކު؟
ޔޫސުފުގެފާނުގެ ބޭބެމެން: އިބްރާހިމްގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު.
ޔޫސުފުގެފާނު: ތިޔަބައިމީހުންގެ އިތުރު އަޚެއް ހުރޭތަ؟
ޔޫސުފުގެފާނުގެ ބޭބެމެން: އާދެ. އަޅުގަނޑުމެންގެ ބިންޔާމީން އޭ ކިޔާ އެއްބަފާ ކޮއްކޮއެއް ހުރޭ.
ޔޫސުފުގެފާނު: އޭނާ ތިޔަބައިމީހުންނާއެކު ނުގެނައީ ކީއްވެ؟
ޔޫސުފުގެފާނުގެ ބޭބެމެން: އަޅުގަނޑުމެންގެ ބައްޕަ، ކުޑަ ހިނދުކޮޅަކަށްވެސް އޭނާ އެކަލޭގެފާނާ ދުރަކަށް ނުފޮނުއްވަވާ.
ޔޫސުފުގެފާނު: އެއީ ކީއްވެތަ؟ އޭނާއަކީ ކުޑަކުއްޖެއްތަ؟
ޔޫސުފުގެފާނުގެ ބޭބެމެން: ނޫން. އެކަމަކު އަޅުގަނޑުމެންނާ އެއްބަފާ ޔޫސުފޭ ކިޔާ އެހެން ކޮއްކޮއެއް ހުރި. އެއްދުވަހަކު އަޅުގަނޑުމެން އޭނާގޮވައިގެން ބޭރަށްދިޔައިން. އަދި އަޅުގަނޑުމެންގެ ކާއެއްޗެހި ކައިރީ އޭނާ ބަހައްޓާފައި ވާދައަށް އަސްދުއްވަން އަޅުގަނޑުމެން ދިޔައިން. ދެން އެނބުރި އައި އިރު މިނިކާ ކުއްތާއެއް އައިސް ޔޫސުފު ކާލައިފި. އެހެންވެ ބައްޕަ ބޭނުންވެ ވަޑައެއްނުގަންނަވާ ބިންޔާމީން ބައްޕައާ ދުރަށް ފޮނުއްވަވާކަށް.
އެމީހުންގެ މި ބޮޑެތި ދޮގުތައް އަޑުއެއްސެވުމަށްފަހުވެސް އެކަލޭގެފާނު އެމީހުންނަކަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. އަދި ބިންޔާމީން އާއި ބައްދަލުކުރައްވަވަން އެކަލޭގެފާނު ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިންނެވިއެވެ.
އެއަށްފަހު އެމީހުންނަށް ކާއެއްޗެހި ދިނުމަށް ޚާދިމުންނަށް އެކަލޭގެފާނު އަމުރުފުޅު ކުރެއްވެވިއެވެ. އަދި އެމީހުން ގެނައި މުދާތައްވެސް އެކާތަކެތީގެ ތެރެއަށް ލުމަށް އަމުރުފުޅުކުރެއްވެވިއެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ. ދެން ތިޔަބައިމީހުން އަންނައިރު އަންނާންވާނީ ތިޔަބައިމީހުންގެ އެއްބަފާ ކޮއްކޮ ބިންޔާމީން ގޮވައިގެންނެވެ. އެހެން ނޫނީ ތިޔަބައިމީހުންނަށް ކާތަކެއްޗެއް ނުލިބޭނެއެވެ.
- ނުނިމޭ -
|