ކާތަކެއްޗާ މެދު ފާޑުކިއުމީ ވަރަށް ގިނަ މީހުންގެ ކިބައިގައި ހަރުލާފައި ހުންނަ ވަރަށް ވިޔާނުދާ އާދައެކެވެ. އެއީއަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ. މި ދުނިޔެއަކީ ހިތަށް އެރި ކޮންމެ ވަގުތަކު ހިތަށް އެރި ކޮންމެ އެއްޗެއް ލިބޭ ތަނެއް ނޫނެވެ. ދުނިޔޭގައި އަހަރެމެންނަށް ލިބޭ ވަރަށްވެސް ކާނެ އެއްޗެއް ނުލިބޭ ކިތަންމެ ބަޔަކު ވާކަން ދަނެ ﷲ އަށް ޝުކުރުވެރިވާންޖެހެއެވެ. އެހެނީ ކާތަކެއްޗަކީ ﷲ ތަޢާލާ ދެއްވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. އެކަލާނގެ ނިޢުމަތްތައް އިތުރުކޮށްދެއްވަނީ ޝުކުރުވެރިވާ އަޅުންނަށެވެ. އިބްރާހީމް ސޫރަތުގެ ސާދަވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ޝުކުރުވެރިވާ ކަމުގައި ވަނީ ނަމަ ތިޔަބައިމީހުންނަށް (ނިޢުމަތްތައް) އިތުރުކޮށްދެއްވާ ހުށީމެވެ."
އަހަރެމެންގެ ލޮބުވެތި ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ދުވަހަކު ވެސް ކާއެއްޗަކާ މެދު ފާޑުވިދާޅުވެ ނަހައްދަވައެވެ. އެކަލޭގެފާނު ހިއްޕުޅާވާ އެއްޗެއް ލިބިލެއްވި ނަމަ ފަރިއްކުޅުއްވައެވެ. ހިއްޕުޅާ ނުވާ އެއްޗެއް ނަމަ ފަރިއްނުކުޅުއްވާ ދޫކޮށްލައްވައެވެ.
މިއީ ނޫރުލްއިސްލާމް ލައިބްރަރީގައި ޕަބްލިޝްކުރެވިފައިވާ (ކެއިން ބުއިމުގެ އަދަބު) މި ފޮތުން ނަގާފައިވާ ލިޔުމެކެވެ.
|