ޖަންގަލީގެ އެކިހިސާބުން އެކިތަންތަނުން ތަފާތު ވައްތަރު ވައްތަރުގެ ޖަނަވާރުތަކާއި ދޫނި ސޫފާސޫފި ހިފައިއުޅުނު މީހެކެވެ. އެއްދުވަހަކު މިމީހާ ޝިކާރަކުރަން ނުކުމެ އުޅެނިކޮށް ވަރަށް ގަސްބޯ ދިމާއަކަށް ނުކުމެވިއްޖެއެވެ. ގަސްތަށް ހެދިފައިހުރި ގޮތުން އެދިމާއަށް އެތެރެއަށް ވަންނަން ވަރަށް އުދަގޫވާނެތީ އޭނާ ވަންނާނީ ކޮންދިމާއަކުންތޯ ވިސްނާލިއެވެ. ގަސްތައް ހާވާލާފައި އެތެރެއަށް ވަންއިރު އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ނިދާފައިއޮތް ޅަސާރިދޯޅެކެވެ. ގަދައަށް ނިދާލާފައިއޮތް ވަރަށް ރީތި ސާރިދޯޅެކެވެ. އޭނާގޮސް އޭތީގެ ކައިރިއަށް ހުއްޓި އިރުކޮޅަކު ބަލަންހުރެފައި އެސޮރުގެ ގައިގައި ފިރުމާލިއެވެ. ދެންވެސް އޭތި ހެއެއް ނުލިއެވެ. އޭނާ މަޑުމަޑުން ސާރިދޯޅުނަގައި އޭނާގެންގުޅޭ ސާމާނުތަކުގެ ތެރެއަށްލައި މަތިންވެސް ގޯންޏެއްކަހަލަ އެއްޗެއް އަޅައިގެންއޭތި ކޮނޑަށްލައިގެން އަވަސް އަވަހަށް ގެއަށް ހިނގައްޖެއެވެ.
ޝިކާރަވެރިޔާ ސާރިދޯޅު ހިފައިގެން ގެއަށްގޮސް އެސޮރަށް އެކަށީގެންވާކަހަލަ ރަގަޅު ތަންމައްޗެއް ހަދައި މަޑުމަޑުން އެސޮރު އެތާނގައި ބާއްވާއިފިއެވެ. ދެން އަވަސްއަވަހަށް އެއަށްދޭނެ ކިރާއި އަދި އެއަށް ރަގަޅުވާނެކަމަށް ފެންނަ ކާއެއްޗެތި ހޯދައި ތައްޔާރު ކޮށްލައިފިއެވެ. އެސޮރު ހޭލުމުން ވަރަށް ރަގަޅަށް އެއަށް ކިރާއި ކާނާދީ ހަދައިފިއެވެ. އިރުކޮޅަކުން އަނެއްކާވެސް އޭތި ނިދައިފިއެވެ. ދެން ކެއުޅު ކަލޭގެ އޭގެ ކައިރީގައި އިށީނދެ އިނދެ މަޑުމަޑުން ފިރުމައިލިއެވެ. ދެން ހިތަށް އެރިއެވެ. "އަހަރެން މިސާރިދޯޅު އޮޅުކޮށްގެން ގެންގުޅޭނީއެވެ." ހިތާހިތާ މިހެން ބުނެފައި އަނެއްކާވެސް އެސޮރަށް ބަލާލާފައި އޭގެ ގައިގައި ފިރުމާލާފައި ތެދުވެގެން ހިނގައްޖެއެވެ.
ކެއުޅުކަލޭގެ ކޮންމެދުވަހަކުވެސް ސާރިދޯޅަށް ގަޑިންގަޑިއަށް ކާންދީ ބަލަހައްޓަމުން އެބަ ގެންދެއެވެ. ސާރިދޯޅު ހަލުވިކަމާއެކު ބޮޑުވަމުންދެއެވެ. އެސޮރު ބޮޑުވަމުން ދިޔައީ ކެއުޅުކަލޭގެ ފުރިހަމަ ތަރުބިއްޔަތާ އެކުގައެވެ. ބަނޑުހައި ވިޔަސް އެސޮރަށް ނުދޭ އެއްޗެއްގައި އަތެއްނުލައެވެ. ބަނޑުހައިވެއްޖެނަމަ އެސޮރު އޭގެ ބަހުރުވައިން އެކަން ކެއުޅުކަލޭގެ އަށް އަންގައެވެ. ކެއުޅު ކަލޭގެ އަބަދުވެސް އެސޮރަށް ދޭނެ ކާއެއްޗެތި ތައްޔާރަށް ބަހައްޓައެވެ. އަދި ގަވާއިދުން ގަޑިން ގަޑިއަށް އެސޮރަށް ކާންދިނުމަށް ޚާއްސަ ސަމާލުކަމެއްދެއެވެ. އެހެންވުމުގެ ސަބަބުން ސާރިދޯޅަކަށް ބަނޑުހައި ކަމެއް މާބޮޑަށް އިހްސާސްކުރާކަށްވެސް ނުޖެހެއެވެ.
ސާރިދޯޅު ބޮޑުވެއްޖެއެވެ. މިހާރު ސާރިދޯޅަކީ ކެއުޅު ކަލޭގެ މަސައްކަތުގެ ބައިވެރިއެކެވެ. އޭނާގެ އެހީތެރިއެކެވެ. ތެދުވެރި ރަޙްމަތްތެރިއެކެވެ. އޭނާ ޝިކާރަކުރާން އުޅޭއިރު އޭނާ ހިފާފައި ހުންނަ އެހެން ޖަނަވާރުތައް ބަލަހައްޓަނީ އޭނާގެ ސާރިދޯޅެވެ. އޭނާ ގޭގައި ނުއުޅޭ ވަގުތުތަކުގައި އޭނާގެ ގެ ބަލަހައްޓަނީ ވެސް ސާރިދޯޅެވެ. ބައެއް ދުވަސްދުވަހަށް އޭނާ ޝިކާރައަށް ނުކުންނައިރު ސާރިދޯޅު ގޭގައި ބާއްވާފައިވެސް ދެއެވެ. އަދި އޭނާ ގެއިންބޭރު ތަނެއްގައި ނިދައިފިއްޔާ ހޭލަންދެން ސާރިދޯޅު އޭނާގެ ކައިރީގައި އޭނާއަށް ގެއްލުމެއް ލިބިދާނެތީ ފާރައަށް އިނދެއެވެ.
އާދައިގެ މަތިން ޝިކާރަވެރިޔާ ކެޔޮޅުކަމު ނިކުތް ދުވަހެކެވެ. އެދުވަހު އޭނާދިޔައީ ސާރިދޯޅު ގޮވައިގެންނެވެ. މެންދުރުވަންދެން ޖަންގަލީގެ އެތަންމިތާގައި އުޅެފައި ވަރުބަލިވެގެން ބޮޑުކަމުން ހަމަ ޖައްސާލިތަނާ ޝިކާރަވެރިޔާއަށް ނިދިއްޖެއެވެ. ޝިކާރަވެރިޔާއަށް ނިދިއްޖެކަން އެނގުމާއެކު ސާރިދޯޅު ޝިކާރަވެރިޔާގެ ކައިރިއަށް އަތުވެއްޖެއެވެ. މަޑުމަޑުން ޝިކާރަވެރިޔާގެ ވަށައިގެން ބުރެއް އަޅާލުމަށްފަހު އޭނާގެ ބޯކޮޅުގައި މަޑުމަޑުން އިށީނދެއްޖެއެވެ. އެސޮރުގެ އާދައިގެމަތިން ސާހިބުމީހާ ނިދާ ހޭލަންދެން އޭނާބެލެހެއްޓުމުގެ ޑިއުޓީއަށް އައީއެވެ.
މިހާރު ޝިކާރަވެރިޔާ އޮތީ ފުން ނިދީގެތެރޭގައެވެ. ނުލާހިކު އަރާމުކޮށް ނިދާފައެވެ. ސާރިދޯޅު އެހެންއިނދެފައި ތެދުވެގެންގޮސް އެއްފަހަރު ގޮސް އޭނާގެ ފައިކައިރީގައި އިށީނދެއެވެ. އަނެއްފަހަރު އޭނާގެ އަރިމަތީގައި އިށީނދެއެވެ. އަނެއްފަހަރު ގުދުވެ އޭނާގެ މޫނަށް ބަލާލައެވެ. ބައެއްފަހަރު އޭނާގެގަޔަށް ވިހެލައެވެ. މިކަހަލަގޮތަކަށް އުޅެއުޅެހުއްޓާ އެސޮރަށްފެނުނީ ޝިކާރަވެރިޔާގެ ގައިގައި ބޮޑުމާބުރެއް އިށީނދެ އިންދައެވެ. އަވަސްއަވަހަށް ގޮސް މާބުރު ފައްސާލައިފިއެވެ. މާބުރު އުދުހިގެން ގޮސް އަނެއްތަނެއްގައި އިށީނދެލިއެވެ. ސާރިދޯޅު ތެދުވެގެން ގޮސް އަނެއްކާ އެތަނުންވެސް މާބުރު ފައްސާލައިފިއެވެ. މާބުރު އުދުހިގެންގޮސް އަނެއްކާވެސް އިށީނދެލީ ހަމަޝިކާރަވެރިޔާގެ ގައިގައެވެ. އޭނާގެ ނިތްކުރި މަތީގައެވެ. ބުމައިގެ އިސްތަށިތައް މަތީގައި އިށީނދެލައިގެން ބޫނބޫނ އަޅުވާލާފައި އެބައިނދެއެވެ. ސާރިދޯޅުގާތަށް ވަރަށް ރުޅިއަތުވެއްޖެއެވެ. ބަލާކަށްނުހުރެ އެތާއޮތް ބޮޑުހިލައެއް ނަގާފައި ގައިގައި ހުރިވަރެއްލާފައި މާބުރުގައިގައި ޖަހައިފިއެވެ. މާބުރު މަރުވެއްޖެއެވެ. އެކަމަކު މާބުރު މަރުވީ ލޯބިވާ ސާހިބުމީހާއާއި އެކުގައެވެ.
ވާހަކައިން ލިބޭ ޢިބްރަތް:
(1) ތިމާގެ ބައިވެރިއަކަށް ބުއްދި އުނި މީހަކު އިޚްތިޔާރު ނުކުރާށެވެ. ނޫންނަމަ ލިބޭ އުފަލަށްވުރެން ކުރަންޖެހޭ ހިތާމަ ބޮޑުވާނެއެވެ.
(2) ބުނެވޭ ގޮތުގައި މޮޔަ ރަޙްމަތްތެރިއަކަށް ވުރެން ބުއްދިވެރި ދުޝްމަނަކު މާރަނގަޅެވެ.
|