ބިންޔާމީން ޔޫސުފުގެފާނުގެ އަރިހުގައި
އަނެއްކާވެސް ޔޫސުފުގެފާނުގެ ބޭބެއިން މިޞްރަށް ދިޔައެވެ. އެ ބޭފުޅުން މިފަހަރު މިޞްރަށް ވަނީ އެބޭފުޅުންގެ ބައްޕާފުޅު ވިދާޅުވިގޮތަށް ތަފާތު ދޮރޯށިތަކުންނެވެ.
ޔޫސުފުގެފާނަށް ބިންޔާމީން ފެނިވަޑައިގަތުމުން ވަރަށް ބޮޑަށް އުފާވެވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ގަނޑުވަރަށް ބިންޔާމީން ގެންދެވިއެވެ. އަދި ވިދާޅުވިއެވެ. (إِنِّي أَنَاْ أَخُوكَ) "އަހަރެންނަކީ ކަލޭގެފާނުގެ ބޭބެ(ޔޫސުފު)އެވެ." ބިންޔާމީނަށް އެއީ އެކަލޭގެފާނުގެ ބޭބެކަން އެނގުމުން ވަރަށް ބޮޑަށް އުފާވިއެވެ. އެތަށް ޒަމާނަކަށްފަހު އަނެއްކާވެސް ބައްދަލުވުމުންނެވެ.
ކޮއްކޯފުޅު ބިންޔާމީން އެކަލޭގެފާނުގެ އަރިހުގައި ބެހެއްޓެވުމަށް ޔޫސުފުގެފާނު ވަރަށްބޮޑަށް ބޭނުންފުޅުވެވަޑައިގަތެވެ. އެއީ އެކަލޭގެފާނާ ވަކިން ހޭދަކުރެއްވެވި ދުވަސްތަކުގައި ކަންހިނގާދިޔަގޮތުގެ ވާހަކަތައް އައްސަވައި މަންމާފުޅާއި ބައްޕާފުޅުގެ ވާހަކަތައް އެއްސެވުމަށްޓަކައެވެ.
އެކަމަކު ބިންޔާމީން އެކަލޭގެފާނުގެ އަރިހުގައި ބަހައްޓަވާނީ ކިހިނަކުންތޯއެވެ؟ ބިންޔާމީން މާދަމާ ކަންޢާނަށް އެނބުރި ވަޑައިގަންނަވާނެއެވެ. ޔޫސުފުގެފާނުގެ ބޭބެއިންވަނީ އެބޭފުޅުންނާއެކު ބިންޔާމީން އަނބުރާ ގެންދާނޭކަމަށް ބައްޕާފުޅުގެ އަރިހުގައި އަހުދުވެފައެވެ. އެހެންކަމުން އެއްވެސް ސަބަބެއްނެތި ބިންޔާމީން އެކަލޭގެފާނަށް ހިފެހެއްޓެވޭނީ ކިހިނަކުންތޯއެވެ؟ އެއްވެސް ސަބަބެއްނެތި ހިފަހައްޓަވައިފި ކަމުގައިވާނަމަ މީސްތަކުންބުނާނެނެތެވެ. މިޞްރުގެ ޢަޒީޒަކީ އަނިޔާވެރިމީހެކެވެ. ޢަޒީޒު އެއްވެސް ކުށެއްނެތި ކަންޢާނީ ޒުވާނަކު ހިފަހައްޓައިފިއެވެ.
ޔޫސުފުގެފާނަކީ ވިސްނުންފުޅު ތޫނު ބޭކަލެކެވެ. އެހެންކަމުން އެކަލޭގެފާނު ވަރަށް ރަނގަޅު ތަދުބީރެއް ކުރެއްވެވިއެވެ. އެކަލޭގެފާނު ފެންފޮދުހިއްޕަވަން ގެންގެޅުއްވާ އަގުބޮޑު ތަށި ބިންޔާމީނުގެ ޖަމަލަށް ކާތަކެއްޗާއެކު ލެއްވެވިއެވެ.
އެއަށްފަހު އެމީހުން އެނބުރި ރަށަށްދާން ތައްޔާރުވުމުން، ގޮވާމީހަކު ނުކުމެ ގޮވާންފެށިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަކީ ވައްކަންކުރާ ބަޔަކީމުއެވެ. އެ އަޑު އިވުމުން ޔޫސުފުގެފާނުގެ ބޭބެމެން ސުވާލު ކުރިއެވެ. އަނެއްކާ ކޮންއެއްޗެއް ގެއްލުނީތޯއެވެ؟ އެމީހާ ބުންޏެވެ. އަހަރެމެން މިއުޅެނީ ޢަޒީޒު ފެންފޮދުހިއްޕަވަން ގެންގެޅުއްވާ އަގުބޮޑު ތަށި ގެއްލިގެންނެވެ. އޭތި ގެނެސްދީފި މީހަކަށް އިތުރު ޖަމަލެއްގެ ކާތަކެތި ލިބޭނެއެވެ.
ޔޫސުފުގެފާނުގެ ބޭބެއިން ބުންޏެވެ. (تَاللّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِي الأَرْضِ وَمَا كُنَّا سَارِقِينَ) "ﷲ ގަންދީ ބުނަމެވެ. އަހަރެމެން އައީ ބިމުގައި ފަސާދަކުރުމަށް ނޫންކަން ތިޔަބައިމީހުންނަށް އެނގިފައިވާނޭކަން ކަށަވަރެވެ. އަދި ވައްކަންކުރާ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ." ޖަވާބުގައި އެމީހާ ބުންޏެވެ. (فَمَا جَزَآؤُهُ إِن كُنتُمْ كَاذِبِينَ) "ތިޔަބައިމީހުން ދޮގުހަދާކަމުގައި ވާނަމަ އެކަމުގެ ޖަޒާއަކީ ކޮބައިހެއްޔެވެ؟" އެމީހުން ބުންޏެވެ. (جَزَآؤُهُ مَن وُجِدَ فِي رَحْلِهِ فَهُوَ جَزَاؤُهُ) "އެމީހެއްގެ ތަކެތީގެތެރެއިން އޭތި ފެނުނުމީހަކީ އެކަމުގެ ޖަޒާއެވެ. (އެބަހީ: ޖަޒާދިނުމަށްޓަކައި އެމީހަކު ހިފެހެއްޓުމެވެ.)"
އެންމެފަހުން އެ ތަށި ބިންޔާމީންގެ ކާތަކެތީގެ ތެރެއިން ނެރުނެވެ. އެމީހުން އެކަމާމެދު ވަރަށް ލަދުގަތެވެ. އެކަމަކު އެއްވެސް ފަސްޖެހުމެއްނެތި އެމީހުން ބުންޏެވެ. (إِن يَسْرِقْ فَقَدْ سَرَقَ أَخٌ لَّهُ مِن قَبْلُ) "އޭނާ (ބިންޔާމީން) ވައްކަންކުރިކަމުގައި ވަނީނަމަ އޭނާގެ ބޭބެ(ޔޫސުފު)ވެސް ވަނީ މީގެ ކުރީން ވައްކަންކޮށްފައެވެ."
އެމީހުންގެ މި ބޮޑު ދޮގު އަޑުއެއްސެވުމަށްފަހުވެސް އެކަލޭގެފާނު އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. އަދި ކޯފާއިސްވެ ވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނަކީ މަޑުމައިތިރި ޙިލްމުވެރި ބޭކަލެކެވެ.
އެމީހުންގެ ބައްޕައަށް ކުރި ވަޢުދު ހަނދާންވުމުން އަނެއްކާވެސް އެމީހުން ބުންޏެވެ. (يَا أَيُّهَا الْعَزِيزُ إِنَّ لَهُ أَبًا شَيْخًا كَبِيرًا فَخُذْ أَحَدَنَا مَكَانَهُ إِنَّا نَرَاكَ مِنَ الْمُحْسِنِينَ) "އޭ ޢަޒީޒެވެ! އޭނާގެ މުސްކުޅި ބައްޕައަކު ވެއެވެ. ފަހެ އަޅުގަނޑުމެންގެ ތެރެއިން އެކަކު އޭނާގެ ބަދަލުގައި ހިފަހައްޓަވާށެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ އިޙުސާންތެރީންގެ ތެރެއިންވާ ބޭކަލަކުކަމުގައި އަޅުގަނޑުމެން ދެކެމުއެވެ." ޖަވާބުގައި ޔޫސުފުގެފާނު ވިދާޅުވިއެވެ. (مَعَاذَ اللّهِ أَن نَّأْخُذَ إِلاَّ مَن وَجَدْنَا مَتَاعَنَا عِندَهُ إِنَّـآ إِذًا لَّظَالِمُونَ) " އަހަރެމެންގެ މުދާ(ތަށި) އެމީހެއްގެ ތަކެތީގެތެރެއިން ފެނުނު މީހާ ނޫން އެހެންމީހެއް ހިފެހެއްޓުމުން ﷲގެ ރައްކާތެރިކަމަށް އެދެމެވެ. އެހެނީ އެގޮތަށް ކަންތައް ކޮށްފިނަމަ އަހަރެމެންވާހުށީ އަނިޔާވެރީން ކަމުގައެވެ."
މިގޮތުން ޔޫސުފުގެފާނު އެކަލޭގެފާނުގެ ކޮއްކޯފުޅު ބިންޔާމީން އެކަލޭގެފާނުގައި އަރިހުގައި ހިފެހެއްޓެވިއެވެ. އަދި އެދެބެއިން އެކާމާ ވަރަށް އުފާކުރިއެވެ.
ޔޫސުފުގެފާނު އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުންނާ ދުރުގައި އެތައް ދުވަސްތަކެއް ހޭދަ ކުރެއްވެވިއެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލޭގެފާނުގެ އަރިހަށް ބިންޔާމީން ފޮނުއްވެވުމުން، ކޮއްކޯފުޅާއި ވާހަކަފުޅުދައްކަވައި ހިތްޕުޅު ހަމަޖެއްސެވުމަށްޓަކައި އެކަލޭގެފާނު، ކޮއްކޯފުޅު ނުހިފަހައްޓަވަންވީ ފަހެ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނު ހުންނެވީ އާއިލާގެ ބޭފުޅުންނާއެކު ވަގުތު ހޭދަކުރައްވަވަން ނުހަނު ބޮޑަށް ބޭނުންފުޅުވެވަޑައިގެންފައެވެ. އަދި ކޮއްކޮއެއް ބޭބެއެއްގެ ގާތުގައި ހުރުން އެއީ އަނިޔާއެއްތޯއެވެ؟ ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. އެއީ އަނިޔާއެއް ނޫނެވެ.
- ނުނިމޭ -
|