ޔޫސުފުގެފާނުގެ ބޭބެމެން އެނބުރި ޤައުމަށް
ޔޫސުފުގެފާނުގެ ބޭބެމެން އެނބުރި ޤައުމަށް ދިޔައެވެ. އަދި ޔައުޤޫބުގެފާނުގެ އަރިހަށް ގޮސް ދަތުރުގެ ޚަބަރުތައް ކިޔައިދިނެވެ. އަދި ބުންޏެވެ. އަޅުގަނޑުމެންނާއެކު ބިންޔާމީން ފޮނުއްވަވާށެވެ. އެހެންނޫނީ އަޅުގަނޑުމެންނަށް ދެން މިޞްރުން ކާތަކެއްޗެއް ނުލިބޭނެއެވެ. އަދި ބުންޏެވެ. (إِنَّا لَهُ لَحَافِظُونَ) " ހަމަކަށަވަރުން އަޅުގަނޑުމެން އޭނާއަށް ރައްކާތެރިވާ ހުށީމެވެ."
ޔަޢުޤޫބުގެފާނު އެމީހުންނަށް ވިދާޅުވިއެވެ. (هَلْ آمَنُكُمْ عَلَيْهِ إِلاَّ كَمَا أَمِنتُكُمْ عَلَى أَخِيهِ مِن قَبْلُ) " މީގެކުރިން އޭނާގެ އަޚު(ޔޫސުފު) އާމެދު ތިޔަބައިމީހުންނަށް އިތުބާރުކުރިފަދައިން މެނުވީ، އޭނާއާމެދު ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު އިތުބާރުކުރާނޭ ހެއްޔެވެ؟ " ފަހެ ތިޔަކުދިން ޔޫސުފުގެ މަތީން ހަނދާންނެތުނީ ހެއްޔެވެ؟ (فَاللّهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ) " ﷲއީ އެންމެހެޔޮގޮތުގައި ރައްކާތެރިކުރައްވަވާ އިލާހެވެ. އަދި އެއިލާހީ އެންމެ އޯގާވަންތަ ރަޙީމްވަންތަ އިލާހެވެ. "
ދެން އެއަށް ފަހު އެމީހުން ގެނައި ކާތަކެތީގެ ތެރެއިން އެމީހުން ގެންދިޔަ މުދާތައް އެމީހުންނަށް ފެނުނެވެ. އެހިނދު ޔަޢުޤޫބުގެފާނުގެ އަރިހަށް ގޮސް ބުންޏެވެ. ހަމަކަށަވަރުން މިޞްރުގެ ޢަޒީޒަކީ(ޔޫސުފުގެފާނަކީ) ދީލަތި ބޭކަލެކެވެ. އަޅުގަނޑުމެންގެ އަތުން އެއްވެސް އަގެއް ނުހިއްޕަވާ އެކަލޭގެފާނު ވަނީ އަޅުގަނޑުމެންނަށް ކާތަކެތި ފުރިހަމައަށް ދެއްވަވާފައެވެ. ބިންޔާމީންއަށް ލިބެންވާ ކާތަކެތިވެސް ހޯދުމަށްޓަކައި އަޅުގަނޑުމެންނާއެކު އޭނާ ފޮނުއްވަވާށެވެ.
ޔަޢުޤޫބުގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް މަޖުބޫރުވެގެން މެނުވީ އޭނާ ގޮވައިގެން އެނބުރި އަންނާނޭކަމަށް، ﷲ ތަޢާލާ ހެކިކޮށް ތިޔަބައިމީހުން އަހުދުކަށަވަރެއް ނުދެނީސް ތިމަންކަލޭގެފާނު އޭނާ ތިޔަބައިމީހުންނާއެކު ނުފޮއްނުއްވަވާހުށީމެވެ. އެހިނދު އެމީހުން ﷲ ހެކިކޮށް އެކަލޭގެފާނަށް އަހުދުކަށަވަރު ދިނުމުން އެކަލޭގެފާނު ވިދާޅުވިއެވެ. (اللّهُ عَلَى مَا نَقُولُ وَكِيلٌ) " އަހަރެމެން މި ދައްކާ ވާހަކަތަކަށް ﷲ ތަޢާލާ ހެކިވެވޮޑިގަންނަވާނެތެވެ." އެއަށްފަހު އެކަލޭގެފާނުގެ ބޭފުޅުންނަށް ވިދާޅުވިއެވެ. (يَا بَنِيَّ لاَ تَدْخُلُواْ مِن بَابٍ وَاحِدٍ وَادْخُلُواْ مِنْ أَبْوَابٍ مُّتَفَرِّقَةٍ) " އޭ ދަރީންނޭވެ! ތިޔަބައިމީހުން (އެތަނަށް ގޮސް) އެއް ދޮރޯއްޓަކުން ނުވަންނާށެވެ. އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ. "
- ނުނިމޭ -
|