އަހަރެމެންގެ ދީން އަބަދުވެސް ބާރުއަޅަނީ ކޮންމެ ކަމެއް ކުރުމުގައިވެސް އަވަސްއަރައިގަތުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ހަމަޖެހިގެން ކަންތައްތައް ކުރުމަށެވެ. އެހެންވީމާ ފެންބުއިމުގައިވެސް ރީތި އާދައަކީ އެއް ނޭވާއިން ފެންތަށި ހުސްކޮށްލުމުގެ ބަދަލުގައި ތިން ކޯވަރަށް ބަހަލައިގެން ހަމަޖެހިގެން ފެންތަށި ބޯލުމެވެ. އަދި ފެންބޯއިރު ފެންބޯ ތައްޓަށް ނޭވާލުމީ ވެސް އެދެވިގެންވާ ކަމެއް ނޫނެވެ. އަހަރެމެންގެ ލޮބުވެތި ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
"ޖަމަލު ފެންބޮއި އުޅޭ ފަދައިން އެއްފަހަރުން ތިޔަބައިމީހުން އެއްޗެތި ބޮއި ނޫޅޭށެވެ. އެއާ ޚިލާފަށް ތިޔަބައިމީހުން ދެފަހަރުން ނުވަތަ ތިން ފަހަރުމަތީން ބޮއިއުޅޭށެވެ. އަދި ތިޔަބައިމީހުން އެއްޗެއް ބޮނީ ކަމުގައިވަނީ ނަމަ ބިސްމި ކިޔާށެވެ. އަދި ބޮއި ނިމިއްޖެ ކަމުގައި ވަނީ ނަމަ (الْحَمْدُ لِلَّهِ ކިޔާ) ﷲ އަށް ޙަމްދުކުރާށެވެ."
މިއީ ނޫރުލްއިސްލާމް ލައިބްރަރީގައި ޕަބްލިޝްކުރެވިފައިވާ (ކެއިން ބުއިމުގެ އަދަބު) މި ފޮތުން ނަގާފައިވާ ލިޔުމެކެވެ.
|